Skip to content
ހޯމް » މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ހުށަހެޅުއްވި މި ބިލު ފާސްވީ މިކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަނަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި ޤައުމުގެ އިޤުތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ.

“މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް” ހިންގާނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އެވެ. މި މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި ވަކިކުރައްވާނީ ވަޒީރެވެ.

މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލާ ބެހޭ ދަފުތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުމާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމްކޮށް ބަދަހިކުރުމާއެކު، އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުމާއި، ފިކުރީ މުދަލާ ގުޅެ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާ ގުޅޭ ކަންކަމާއި އެ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުމެވެ.

މީގެ އިތުރުން، ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުމާއި، ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގުމާއި، ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޤާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައި ފީ ނެގުމަކީވެސް މި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.