އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ށ. ކޮމަންޑޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިޤްތިޞާދު ސިންދަފާތުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިގޮތުން އެމަނިކުފާނުވަނީ، ހުރިހާ ދާއިރާއަކުންވެސް ދިވެހި އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިލަދުންމަޑުލު އުތުރުބުރިއަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ލުއި ލިބޭނެ އުސޫލުން އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަމަށާއި، އެއަރޕޯޓްތައް ތަރައްޤީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަތުރުވެރިކަން ފުޅާވެގެންދިއުމާއެކު ޒުވާނުންނަށް ރަށާ ކައިރިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށާ، މިފަދަ ކަންކަމަކީ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ށ. އަތޮޅުގައި މަސްވެރިކަން އަލުން އާލާކުރުމުގެ މަޤްޞަދުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިރޭގެ ޖަލްސާގައެވެ.
މިފަދަ ފުރުޞަތުތައް ހުޅުއްވާލައްވަނީ ރާއްޖޭގެ އިޤްތިޞާދު، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އިޤްތިޞާދު ފުޅާކުރެއްވުމުގެ މަޤްޞަދުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ވަކި ތަރުތީބަކުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.