Skip to content
ހޯމް » މިނިސްޓަރ ސަޢީދު، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ ސަޢީދު، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ ސަޢީދު، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވެވި މި ބައްދަލުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލުހޯދައި އެ ޚިޔާލުތަކާ ވީހާވެސް އެއްގޮތްވާ ގޮތުގެމަތީން މިޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން އެފަދަ ބައެއް ދާއިރާތައް ހިމެނޭ (މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިން) ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތުހޯދައި ދިނުމުގެ މަޤްސަދުގައި ކުރެވޭމުޙިއްމު މަސައްކަތެއް ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯ ގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުޞަތު ހުޅުވައިލައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމުހޫރިއްޔާ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ލޯނު ސްކީމްގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. މިލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްޞަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށްވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

މި ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މި ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލަން އަންގަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.