22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ (ސީ.އޭ.ޓީ.އެފް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި ފެއަރ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 17 އިން 19 އަށް ޗައިނާގެ ޓިއަންޖިންގައެވެ.
އެ އިޢުލާނުގައިވާ ގޮތުން މި ފެއަރގައި ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް ގަތުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މަޢުލޫމާތު ޗައިނާ ސަރުކާރުން ވަނީ އަންގަވައިފައެވެ.
ސީ.އޭ.ޓީ.އެފް ފެއަރ އަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާ، ސީފުޑް އާއި މަސްވެރިކަމުގެ ދާއިރާ އަދި އިމްޕޯޓް އާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން، އާންމު ފަރާތްތަކުން ޒިޔާރަތްކުރާ ފެއަރ އެކެވެ. މި ފެއަރގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ތަފާތު އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 08 ބޭފުޅުންގެ ބޫތު ފީ އަދި ބޫތުގެ ކޮންސްޓްރަކްޝަން ޚަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އިން ހިލޭ ފޯރުކޮށްދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މި ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންވާނެއެވެ.