ޗައިނާގެ ޒިއަމެންގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ “26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް” (ސީ.އައި.އެފް.އައި.ޓީ) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
މި މައުރަޒަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް (މޮފްކޮމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓް މައުރަޒެކެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 8 އިން 11 އަށެވެ.
މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ އަމަލީ ގޮތުން އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދޭނެ ޕްލެޓްފޯމެއް ހޯދައިދީ، އިންވެސްޓްމަންޓާއި ޕޮލިސީތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ މާހައުލެއް ގާއިމްކުރުމެވެ. މީގެ އިތުރުން، ވިޔަފާރިވެރިންގެ މެދުގައި ބާއްވާ ބީ2ބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނަރތަކުގެ އިތުރުން ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓް www.chinafair.org.cn މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށް މި ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، ބައިވެރިވާކަމުގެ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް ވުޒާރާއިން އެދިވަޑައިގަންނަވައެވެ.
އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑްގެ ވެބްސައިޓް (www.chinafair.org.cn) އިންވެސް ލިބެންހުންނާނެއެވެ.