މި ހިނގާ ޖޫން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބިޒްނަސް ރަޖިސްޓްރޭޝަން ކޯލް ސެންޓަރަށް ލިބުނު ކޯލްތަކުގެ 99 އިންސައްތައަށް ޖަވާބުދީފިއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ޖޫން 1 އިން 15 އަށް އެ ސެންޓަރަށް 1,500 އަށްވުރެ ގިނަ ފޯނު ކޯލް ވަނީ ލިބިފައެވެ. މީގެ ތެރެއިން 99 އިންސައްތައަށްވުރެ ގިނަ ކޯލަށް ކާމިޔާބުކަމާއެކު ޖަވާބުދީ، ކަސްޓަމަރުން ބޭނުންވި މަޢުލޫމާތާއި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުން، މި މުއްދަތުގެ ތެރޭގައި ކޯލްތަކަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ވަނީ އެވްރެޖްކޮށް 2 މިނެޓަށް ކުޑަކުރެވިފައެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މި ކޯލް ސެންޓަރު މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ވިޔަފާރިތައް އަލަށް ރަޖިސްޓްރީ ކުރުމާއި، ވިޔަފާރީގެ ރެކޯޑުތައް އަދާހަމަކުރުމުގެ މަޢުލޫމާތެވެ. މީގެ އިތުރުން، އެކި ބާވަތުގެ ވިޔަފާރިތަކަށް ބޭނުންވާ ޚާއްޞަ ހުއްދަތައް ހޯދުމާއި، ވިޔަފާރިތަކާ ގުޅުންހުރި އެހެނިހެން ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުމުގައި ކޯލް ސެންޓަރުގެ ޓީމުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.