އައްޑޫ ސިޓީގައި ތަރައްޤީކުރަމުންދާ އައްޑޫ ރީޖަނަލް ފްރީ ޒޯނުން ވިޔަފާރިތަކަށް ބޭނުންވާ ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 22 މެއި 2026 ވަނަ ދުވަހުވަނީ ހުޅުވާލައިފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް، ރީޖަނަލް ހަބްތައް ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ފްރީ ޒޯން ގާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި ވިޔަފާރިއާއި ލޮޖިސްޓިކްސް ދާއިރާ ފުޅާކޮށް، ދެކުނުގެ އަތޮޅުތަކަށް އިޤްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމެވެ.
އެމްޕީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، އައްޑޫ ރީޖަނަލް ފްރީ ޒޯނަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، މުދާ ގުދަންކުރުމާއި، އަލުން ބޭރުކުރުން (ރީ-އެކްސްޕޯޓް) ފަދަ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ފަރުމާކުރެވިފައިވާ ތަނެކެވެ. މި ސަރަހައްދުން ޖާގަ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އޮންލައިން ފޯމެއް މެދުވެރިކޮށް އެކަމަށް އެދުމުގެ މަގު ފަހިކޮށްދީފައެވެ.
އެގޮތުން ޖާގައަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން http://forms.port.mv/arfz މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މި ފްރީ ޒޯން އޮޕަރޭޝަނަށް އައުމާއެކު، އައްޑޫ ސިޓީގެ ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ސަރަހައްދީ ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން އައްޑޫ ސިޓީގައި ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އުފެދި، މުޅި ސަރަހައްދުގެ އިޤްތިސާދަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.