Skip to content
ހޯމް » ރައީސް މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރަކީ ޤައުމުގެ ކުރިމަގު ބަދަލުކޮށްލާނެ އިންގިލާބީ އެޖެންޑާއެއް: މިނިސްޓަރު ސަޢީދު

ރައީސް މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރަކީ ޤައުމުގެ ކުރިމަގު ބަދަލުކޮށްލާނެ އިންގިލާބީ އެޖެންޑާއެއް: މިނިސްޓަރު ސަޢީދު

ރައީސް މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރަކީ ޤައުމުގެ ކުރިމަގު ބަދަލުކޮށްލާނެ އިންގިލާބީ އެޖެންޑާއެއް: މިނިސްޓަރު ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ތަޞައްވުރަކީ ދިވެހިރާއްޖޭގެ މާލީ މުސްތަޤްބަލު އައު މިސްރާބަކަށް ގެންގޮސްދޭނެ އިންގިލާބީ އެޖެންޑާއެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް 2026” ގައި ދެއްކެވި ވާހަކަފުޅުގައެވެ. ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވަނީ، ރައީސް މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ތަފުޞީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ މައިގަނޑު އަސާސަކީ ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި ކުރުރާސްތާގެ ފައިދާއަށްވުރެ ބޮޑަށް، ދުރުރާސްތާއަށް އަމާޒުކޮށްގެން އިޤްތިޞާދީ ގޮތުން ނުގުޑާފަދަ ވަރުގަދަ ބިންގަލެއް އެޅުމަށް ސަރުކާރުން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިންދަފާތުކުރުމުގެ ސިޔާސަތުތަކަށްވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ލޮޖިސްޓިކްސްގެ ޚިދުމަތްތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ރޭވިފައިވާ އިސްތިރާތީޖީ މަސައްކަތްތައް މިނިސްޓަރ ބަޔާންކޮށްދެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް މިހާރު އަންނަމުންދާ ބޮޑެތި ބަދަލުތަކާއި، އިޤްތިޞާދީ ނިޒާމު ހަރުދަނާކުރުމަށް ގެންނަވަމުންދާ އިޞްލާޙުތަކަކީ އިންވެސްޓަރުންނަށް އޮތް ބޮޑު ފުރުޞަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުމަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމު ގުޅިގެން ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ ފޯރަމްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ސަޢީދު ދެއްވިއެވެ.

މި ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށާއި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.