ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އެއްރަށުން އަނެއްރަށަށް ގުޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ނ. ވެލިދޫއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރުމަކީ، ރާއްޖޭގެ ރަށްތަކުގެ މެދުގައި ވައިގެ މަގުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއާއެކު، މުޅި ރާއްޖެ ވައިގެ މަގުން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން ސީޕްލޭންގެ ޚިދުމަތް ފެށުނު ތިންވަނަ ރަށަކަށް ވެލިދޫ ވަނީ ވެފައެވެ.
މުޅި ރާއްޖެ ވައިގެ މަގުން ގުޅާލުމުގެ މަޝްރޫޢަކީ ދަތުރުފަތުރުގެ ލުއިފަސޭހަކަން އިތުރުކުރުމަށާއި، ދަތުރުކުރުމަށް ހޭދަވާ ވަގުތު ކުޑަކުރުމުގެ އިތުރުން، އަތޮޅުތަކުގެ ތަރައްޤީ ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އަތޮޅުތަކުގެ ރަށްތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން، އިޤްތިޞާދީ އާ ފުރުޞަތުތަކެއް ހުޅުވި، އަސާސީ ޚިދުމަތްތައް ހޯދުމަށް ލުއިފަސޭހަވެ، ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ.