ސްވިޒަލޭންޑުގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ޓިކްޓޮކްގެ މެޓަޕްސާ (METAPSA) ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރް ގެލެންއާ ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ވަޢުދުފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ކޮންޓެންޓް ތައްޔާރުކުރާ ފަރާތްތަކަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންނެވެ.
މި މަސައްކަތަކީ ޓިކްޓޮކްގެ ވަފުދެއް ދާދިފަހުން ރާއްޖެއަށް ކުރި ޒިޔާރަތާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން، ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރެވުނު މުހިންމު މަޝްވަރާއެކެވެ.