Skip to content
ހޯމް » ސްރީލަންކާ-ދިވެހިރާއްޖޭގެ ބިޒްނަސް ފޯރަމް ބާއްވައިފި

ސްރީލަންކާ-ދިވެހިރާއްޖޭގެ ބިޒްނަސް ފޯރަމް ބާއްވައިފި

ސްރީލަންކާ-ދިވެހިރާއްޖޭގެ ބިޒްނަސް ފޯރަމް ބާއްވައިފި

ދިވެހިރާއްޖެ އާއި ސްރީލަންކާގެ ވިޔަފާރީގެ ގުޅުންތައް ހަރުދަނާކޮށް ފުޅާކުރުމުގެ މަޤްޞަދުގައި، ސްރީލަންކާ-ދިވެހިރާއްޖޭގެ ބިޒްނަސް ފޯރަމް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ފޯރަމް ބާއްވާފައިވަނީ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެންނެވެ. ހޮޓެލް ޖެންގައި ބޭއްވުނު މި ބިޒްނަސް ފޯރަމްގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ފޯރަމްގައި ދެ ޤައުމުގެ ޑިޕްލޮމެޓިކް ޑައިލޮގް ވަނީ އަމިއްލަ ސެކްޓަރަށް ލިބެންހުރި ގިނަގުނަ ފުރުޞަތުތަކަކަށް ބަދަލުކުރެވިފައި ކަމަށެވެ. އިތުރަށް ވިދާޅުވީ، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާއި، ދެ ޤައުމަށްވެސް މަންފާކުރާނެ އިސްތިރާޖީ އިންވެސްޓްމަންޓް ޕާޓްނަރޝިޕްތައް ދެނެގަތުމެވެ. މީގެ އިތުރުން، ސަރަޙައްދީ އިޤްތިޞާދީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާއި، އަދި ދެ ޤައުމުގެ ވިޔަފާރި މުޖުތަމަޢުތަކުގެ މެދުގައި ދެމެހެއްޓެނިވި އަދި ބަދަހި ގުޅުންތަކެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްވެސް މަސައްކަތްކުރެވުނު ކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވަނީ މި މުހިންމު މަސައްކަތުގައި ދެއްކެވި ހުނަރުވެރި އަދި ވިސްނުންތެރި ލީޑަރޝިޕަށްޓަކައި ސްރީލަންކާގެ ރައީސް ޑިސަނާޔަކަ އަށާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރާއި ތަޢުރީފު ރައްދުކުރައްވާފައެވެ. މި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާވެ، ކުރިއަރައިގެން ދިއުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމުގައި ވިދާޅުވެ ވަޒީރު ސަޢީދު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.