އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ފިންލޭންޑްގެ އެމްބަސީ އާއި ބިޒްނަސް ފިންލޭންޑް ގުޅިގެން ބޭއްވި ޓްރޭޑް އެންޑް އިންވެސްޓްމަންޓް ވެބިނާއެއްގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
17،000 މަސްވެރިންނާއި 2،500 އުޅަނދު ހިމެނޭ މި ދާއިރާއިން ރާއްޖޭގެ ފިޒިކަލް އެކްސްޕޯޓްގެ %95 ހިއްސާކުރާއިރު، އެ އަގުގެ %91 ހިއްސާކުރަނީ ކަނޑުމަހެވެ. ސަރުކާރުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމާއި، ފަނާކުރަނިވި ގިއާ މަނާކުރުމާއި، ޒަމާނީ، ކާބަން މަދު ޓެކްނޮލޮޖީތައް އިންޓަގްރޭޓްކޮށްގެން މަސައްކަތުގެ ފެންވަރާއި ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ ތެރޭގައި މަސް ޕްރޮސެސް ކުރުމުގެ ގާބިލްކަން ފުޅާކުރުމާއި، ސްޕޯޓްސް ފިޝިންގ މެރީނާތައް ތަރައްގީކުރުމާއި، ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި އެކުއަކަލްޗަރގެ ކުރިއެރުވުން ހިމެނެއެވެ.
ހަރުދަނާ ސިޔާސަތުތަކާއި އިނާޔަތްތަކާއެކު، ރާއްޖެއިން ދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗަރގެ މައި މަންޒިލެއްގެ ގޮތުގައި ވުމަށް މަސައްކަތް ކުރަމުންނެވެ.