Skip to content
ހޯމް » ކުންފުންޏަށް ކިޔާނެ ނަމެއް ޚިޔާރުކުރާނެ ގޮތުގެ ގައިޑް

ކުންފުންޏަށް ކިޔާނެ ނަމެއް ޚިޔާރުކުރާނެ ގޮތުގެ ގައިޑް

ކުންފުންޏަށް ކިޔާނެ ނަމެއް ޚިޔާރުކުރާނެ ގޮތުގެ ގައިޑް

ކުންފުނީގެ ނަން

މިއީ ކުންފުނީގެ ޤާނޫނު (7/2023) ގެ ދަށުން ކުންފުންޏަށް ކިޔާނެ ނަމެއް އިޚްތިޔާރު ކުރާނެގޮތުގެ ގައިޑެވެ. ކުންފުންޏަށް ނަން ކިޔުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވަނީ، ކުންފުނީގެ ޤާނޫނުގެ 66 ވަނަ މާއްދާ އިން 76 ވަނަ މާއްދާއަށެވެ.

1. ކުންފުންޏަށް ކިޔާނެ ނަމެއް ޚިޔާރުކުރުން

ޚިޔާރުކުރާ ނަން ވާންވާނީ:

  • ކުރަން ޤަސްދުކުރާ ވިޔަފާރިއާގުޅޭ: ކުންފުނިން ކުރަން ޤަޞްދުކުރާ ވިޔަފާރީގެ ޠަބީޢަތް ދައްކުވައިދޭ ނަމަކަށް
  • ޤާނޫނީގޮތުން ހުއްދަ: އެހެން ޤާނޫނަކުން މަނާކޮށްފައިނުވާ ނަމަކަށް
  • ގަވާއިދާއި ޚިލާފުނޫން: ކުންފުނީގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފުނޫން ނަމަކަށް

2. ކުންފުނީގެ ބާވަތް ދެނެގަތުން

ކުންފުންޏަށް ކިޔަން ބޭނުންވާ ނަން ރިޒާރވްކުރުމަށް އެދޭއިރު ކުންފުނީގެ ބާވަތަކީ ކޮބައިކަން ކަނޑައަޅަންވާނެއެވެ. ކުންފުނީގެ ނަމާއިއެކު ބާވަތް ރަމްޒުކުރުމަށް ޚިޔާރު ކުރެވޭނީ:

  • ޕްރައިވެޓް ކުންފުނިތަކަށް “PVT LTD”
  • ޕަބްލިކް ލިމިޓެޑް ކުންފުނިތަކަށް “PLC”
  • ސަރުކާރު ކުންފުނިތަކަށް “LTD”
  • ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް “LAC LTD”

ކުންފުނީގެ ނަން ރިޒާރވްކުރަން ހުށަހަޅާއިރު، ނަން ލިޔަން ޚާއްޞަ ކުރެވިފައިވާ ގޮޅީގައި ކުންފުނީގެ ބާވަތް ލިޔުމުގެ ބަދަލުގައި، ކުންފުނީގެ ބާވަތް ޑްރޮޕްޑައުން މެނޫއިން ޚިޔާރުކުރާށެވެ.

3. ބޭނުންކުރުން ހުއްދަ ކެރެކްޓަރސް

ކުންފުނީގެ ނަމުގައި ނުހިމެނޭނެ ބައެއް ކެރެކްޓަރސް ހުންނާނެއެވެ. ބޭނުންކުރުން ހުއްދަ ކެރެކްޓަރސްތަކުގެ ލިސްޓެއް ކުންފުނީގެ ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.

4. ރަޖިސްޓަރީކޮށްނުދެވޭނެ ނަން

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކާ އެއްގޮތް ނަން:

  • ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް: ޚިޔާރުކުރާ ނަމަކީ، ރަޖިސްޓްރީކޮށްފައިވާ ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އެއިން އެއްވެސް ވިޔަފާރިއަކުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނަމާ އެއްގޮތް ނުވަތަ އޮޅުންއަރާ ފަދަ ނަމަކަށް ވެގެން ނުވާނެއެވެ
  • ބިދޭސީ މުއައްސަސާތައް/ ވިޔަފާރިތައް:
    • ބައިނަލްއަޤްވާމީ ޖަމިއްޔާތައް: ޤާއިމްކޮށްފައިވާ ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާއަކާއި ގުޅުން ހުރިކަމަށް އަންގައިދޭ ނަންތަކަކީ މަނާ ނަންތަކެވެ.
    • ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް: ދުނިޔޭގެ ނަން މަޝްހޫރު ވިޔަފާރިއެއް ނުވަތަ ބްރޭންޑެއްގެ ނަމެއް އެފަރާތުގެ ހުއްދަ ނުހޯދައި ރިޒަރވްކުރަން ހުށަހެޅުމަކީ މަނާކަމެކެވެ.

ރިޒާވްކޮށްފައިވާ ނަންތައް:

  • އެހެން ވިޔަފާރިއަކަށް ރިޒަރވްކޮށްފައިވާ ނަމެއް، އެ ނަމެއް ރިޒަރވްކޮށްފައިވާ މުއްދަތުގައި ހުށައެއްނޭޅޭނެއެވެ.

ސަރުކާރުގެ އިދާރާތައް:

  • ސަރުކާރު ނުވަތަ ދަޢުލަތުގެ ވަކި އިދާރާއަކާ ގުޅުމެއްވާކަން ދޭހަކޮށްދޭ ފަދަ ނަންތައް ބޭނުންކުރުމަކީ މަނާކަމެކެވެ.
  • ސަރުކާރުގެ އިދާރާތަކުން ހިންގާ މަޝްރޫޢުތަކަށް ބޭނުންކުރާ ނަންތަކަކީ ވެސް މަނާ ނަންތަކެވެ.

ޤާނޫނީގޮތުން މަނާ:

  • ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާ (ނުވަތަ އެހެން ގާނޫނެއް) ގެ ދަށުން މަނާކޮށްފައިވާ ނަންތައް ބޭނުން ނުކުރެވޭނެއެވެ.
  • އުވާލެވިފައިވާ ކުންފުންޏެއްގެ ނަން، އުވާލެވުނު ތާރީޚުން ފެށިގެން 12 މަސްދުވަހުގެ މުއްދަތަށް ބޭނުން ނުކުރެވޭނެއެވެ
  • އެހެން ޤާނޫނަކުން ކިޔުން މަނާކޮށްފައިވާ ނަންތައް ބޭނުން ނުކުރެވޭނެއެވެ

އެހެނިހެން ގޮތް ގޮތުން މަނާ ނަންތައް:

  • ސިޔާސީ ޕާޓީއެއްގެ ނަން ނުވަތަ ވަކި ސިޔާސީ ޕާޓީއަކާ ގުޅުމެއްވާކަން ދޭހަކޮށްދޭފަދަ ނަންތައް.
  • ކުންފުނި ހިންގުމުގައި ހަރަކާތްތެރި ނުވާ ފަރާތެއްގެ ނަން ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުންކުރާނަމަ، އެފަރާތަކާއި އޮތް ގުޅުން ބަޔާންކުރުމަކާ ނުލައި ހުށަހަޅާ ނަން
  • ކުންފުންޏަށް ކިޔަން ހުށަހަޅާ ނަމަކީ ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ނުވަތަ ބޭނުންކުރުން އެކަށީގެންނުވާ ނަމަކަށް ވުން
  • ކުންފުނީގެ ހައިސިއްޔަތާއި ބާވަތް ނޫން އެހެން ބާވަތެއްގެ ކުންފުންޏެއްކަން ދޭހަވާފަދަ ނަން.

5. ނަން ރިޒާރވް ކުރުން

  • އެޕްލިކޭޝަން ހުށަހެޅުން: one.gov.mv އިން އޮންލައިން ކޮށް ހުށަހަޅާށެވެ.
  • އެޕްލިކޭޝަން ރިވިއުކުރުމުގެ މަރުޙަލާ: ޚިޔާރުކުރި ނަން ފާސްކުރެވޭނީ ނަންކިޔުމުގެ ގަވާއިދުތަކާ އެއްގޮތްތޯ ޗެކް ކުރުމަށް ފަހުގައެވެ. ރިޒާރވްކުރަން ހުށަހެޅުމަށް ސިސްޓަމުން ނަމެއް ލިބުނުކަމުގައިވިޔަސް، ނަން ފާސް ކުރާނީ އޮޕަރޭޓަރ ޗެކް ކުރުމަށްފަހުގައެވެ
  • ނަން ފާސްކޮށްދިނުމާއި ރިޒާރވްކޮށްދިނުން: ނަން ފާސްވެއްޖެނަމަ، -/100 ރުފީޔާގެ ފީއެއް ދެއްކުމުން 7 ދުވަހުގެ މުއްދަތަށް ނަން ރިޒާރވް ކޮށްދެވޭނެއެވެ
  • އަދި، އިތުރު 7 ދުވަހަށް ރިޒާރވް ކުރެވުނު މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ

6. ކުންފުނީގެ ނަން ބޭނުންކުރުން

ކުންފުނީގެ ނަން ޢާންމުންނަށް ފެންނާނެ ގޮތަށް ބޭނުންކުރަންވާނެއެވެ.

  • ރަސްމީ ލިޔުންތައް: ރަސްމީ ސިޓީ، ނޯޓިސް އަދި ރަސްމީކޮށް ޝާއިޢުކުރާ ލިޔުންތަކުގައި ބޭނުންކުރަން ވާނެއެވެ
  • މާލީ ވަސީލަތްތައް: ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް، އެންޑޯސްމަންޓް، ޗެކު އަދި ފައިސާ ނުވަތަ މުދާ ދޫކުރުމަށް ކުންފުނީގެ ފަރާތުން ސޮއިކޮށް ދޫކުރާ ހުރިހާ ލިޔެކިއުންތަކުގައި ބޭނުންކުރަން ވާނެއެވެ
  • ކުންފުނީގެ އޮފީހުގައި: ރަޖިސްޓްރީކޮށްފައިވާ ކުންފުނީގެ ހުރިހާ އެޑްރެހެއްގައި ވެސް ކުންފުނީގެ ނަން ސާފުކޮށް ފެންނަން ހުންނަން ވާނެއެވެ

މުހިންމު ނުކުތާތައް:

  • ކުންފުންޏަކަށް ކިޔަން ބޭނުންވާ ނަން ރިޒާރވް ކުރެވުމުން ކުންފުނި ރަޖިސްޓަރީ ކުރެވުނީކަމަށް ބަލައިގެން ނުވާނެއެވެ.
  • ރިޒާރވް ކުރެވިފައިވާ ނަމެއްގައި ޑޮމެއިންއެއް ރަޖިސްޓަރީކުރުމަށް ބޭނުން ކުރަންވާނީ ކުންފުނި ރަޖިސްޓަރީކުރުމުގެ މަރުޙަލާ އެއްކޮށް ނިމުމުންނެވެ
  • ޚިޔާރުކޮށްފައިވާ ނަމުގެ ދަށުން ކުންފުނި ހިންގަން ފެށުމުގެކުރިން، ކުންފުނި ރަޖިސްޓަރީކުރުމުގެ މަރުޙަލާ އެއްކޮށް ފުރިހަމަކުރަން ޖެހޭނެއެވެ

މި ގައިޑާގުޅޭ: މި ގައިޑަކީ މަޢުލޫމާތަށްޓަކައި ތައްޔާރުކުރެވިފައިވާ ކުންފުނީގެ ނަމާބެހޭ ގައިޑެވެ. ޤާނޫނީ ލަފާގެ ބަދަލުގައި މި ގައިޑް ބޭނުންކުރެވިގެން ނުވާނެއެވެ. އެ ވިޔަފާރިއެއްގެ ބާވަތަށް ޚާއްޞަ ކުރެވިފައިވާ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށް އެ ވިޔަފާރި ބާވަތާބެހޭ ގޮތުން ޝާއިޢުކޮށްފައިވާ ގަވާއިދުތައް ބަލާށެވެ. މިގައިޑަކީ، އެއިރަކު ޢަމަލުކުރަމުންދާ ގަވާއިދާއި އެއްގޮތަށް މުރާޖަޢާކުރެވޭނެ ގައިޑެކެވެ.