Skip to content
ހޯމް » މިދިޔަމަހު ރައްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެއްޖެ

މިދިޔަމަހު ރައްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެއްޖެ

މިދިޔަމަހު ރައްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެއްޖެ

2025 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހު 210 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެކްސްޕޯޓްކުރި 65 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު %222 އިތުރު އަދަދެކެވެ.

މިދިޔަ ޖުލައި މަހު ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި އަދި ގަނޑުކުރި މަހުގެ ބާވަތްތަކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

މިގޮތުން މިދިޔަ މަހު ތައިލެންޑަށް 111 މިލިއަން ރުފިޔާ (%53) ގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ދެވަނަ އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 38 މިލިއަން ރުފިޔާގެ މުދަލެކެވެ. މީގެ އިތުރުން މޮރިޝަސް އަށް 10 މިލިއަން ރުފިޔާ، ފަރަންސޭސިވިލާތަށް 9 މިލިއަން ރުފިޔާ އަދި ވިއެޓްނާމަށް 6 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެކްސްޕޯޓްކޮށްފައިވެއެވެ.