
އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކީ، ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ މައިދާނުގައި އުފަންވަމުން އަންނަ އިޤްތިޞާދީ ފުރުޞަތުތަކަށް ކުރިމަތިލެވޭނެފަދަ ގޮތަކަށް ވިޔަފާރި ރަޖިސްޓަރީކޮށް ރެގިއުލޭޓުކުރުމެވެ. ދިވެހިރާއްޖޭގައި ވިޔަފާރިތަކުން ޢަމަލުކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތައް މުރާޖަޢާކޮށް، ޒަމާނާ އެއްގޮތަށް ރެގިއުލޭޓުކުރުމުގެ އެންމެހާ ކަންކަން ފަރުމާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އަޅުގަނޑުމެންނެވެ.
ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހަމަހަމަ ކަމާއިއެކު ޚިދުމަތް ދެވޭނެ އިންތިޒާމުތައް ރޭވުމާއި، އެކަމަށް މަގުފަހިވާގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.
ވިޔަފާރި ރަޖިސްޓަރީކޮށް، އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސޭހަ، އަވަސް އިޖުރާޢަތުތަކެއް މިނިސްޓްރީން އެކުލަވާލާފައިވެއެވެ. އަޅުގަނޑުމެން ބާރު އަޅަނީ، ވިޔަފާރި ރަޖިސްޓަރީކުރުމަށްފަހު، ވިޔަފާރީގެ ދަފްތަރުގައިވާ މަޢުލޫމާތު ބޭނުންކުރާ ގޮތް ވީހާވެސް ބޮޑަކަށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އެއްގޮތްކޮށް، ވިޔަފާރިތަކުގެ މަޢުލޫމާތު ދިނުމަކީ ތަކުލީފަކަށްނުވާނެ ގޮތަކަށް ސިސްޓަމްތައް ތަރައްޤީކުރުމަށެވެ.