އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައް ކުރެވޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމަށްވާ ޕޭޕާލް (PayPal) ގެ ޚިދުމަތް ރާއްޖެއަށް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށާއި، އެކަން ހަގީގަތަކަށް ވަމުންދަނީ ސަރުކާރުން ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އޮންލައިން ވިޔަފާރިވެރިންނާއި، ފްރީލާންސް މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ފައިސާ ރާއްޖެއަށް ގެނައުމުގައި ހުރި ހުރަސްތަކެވެ. މިކަން ހައްލުކުރުމަކީ ރައީސް މުޢިއްޒު އިސްކަންދެއްވާ ކަމެއް ކަމަށާއި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، ޕޭޕާލްއިން މިހާރު ރާއްޖެއަށް އެއްބާރުލުން ދޭން ފަށާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން، ޕޭޕާލް މެދުވެރިކޮށް ރާއްޖެއަށް ފައިސާ ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށް ސަޢީދު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޒުވާން އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ބޭރުގެ މާކެޓުތަކުން ނަފާ ހޯދުމަށް ހުޅުވިގެންދާ ރަނގަޅު ފުރުޞަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލްކޮށް، ދުނިޔޭގެ މާލީ ނިޒާމުތަކާ ގުޅާލުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، އިޤްތިޞާދީ ކުރިއެރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.