Skip to content
ހޯމް » “އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް” ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި

“އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް” ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި

“އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް” ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި

“އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް” ތަރައްޤީކުރުމަށްޓަކައި، ދިވެހި ސަރުކާރާއި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ގެ ޤާނޫނުގެ ދަށުން މި މަޝްރޫޢު އަމަލީގޮތުން ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ރަސްމީ މަރުޙަލާއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު އަދި ބޯޑް އޮފް އިންވެސްޓްމަންޓްގެ ޗެއަރމަން މުޙައްމަދު ސަޢީދެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް އައިލާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕީޓަރ ކްރިސްޓިކް އެވެ.

މި އިންވެސްޓްމަންޓް އެއްބަސްވުމަކީ 9 ޑިސެމްބަރު 2025 ގައި އެސް.އީ.ޒެޑް ހުއްދަ ދޫކުރުމާ ގުޅިގެން، މަޝްރޫޢު ތަންފީޛުކުރާނެ ޤާނޫނީ އޮނިގަނޑު ރަސްމީކޮށް ކަނޑައެޅުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. މީގެ ސަބަބުން، އެސް.އީ.ޒެޑް ޤާނޫނާއި ކަމާގުޅޭ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޤާނޫނީ ބިންގާ އެޅި، ހުއްދައިގެ މަރުޙަލާއިން އަމަލީ މަސައްކަތުގެ މަރުޙަލާއަށް މަޝްރޫޢު ބަދަލުވެގެންދާނެއެވެ.

790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު މި އިންވެސްޓްމަންޓަކީ، އެސް.އީ.ޒެޑް އޮނިގަނޑުގެ ދަށުން ކުރިއަށްދާ ވަރަށް މުހިންމު މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު އިޞްލާޙުކޮށް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ވިޜަން 2040” ގައި ހިމެނޭ ދެމެހެއްޓެނިވި ކުރިއެރުމާއި، އިޤްތިޞާދީ ވަރުގަދަކަން ކަށަވަރުކުރުމާއި، އަދި މުސްތަޤްބަލަށް އަމާޒުކުރެވިފައިވާ މަތީ ފަންތީގެ ދާއިރާތައް ތަރައްޤީކުރުމުގެ ތަޞައްވުރާ ފުރިހަމައަށް އެއްގޮތްވާ މަޝްރޫޢެކެވެ.

މި ޓައުންޝިޕް މޮޑެލްއަކީ ރާއްޖޭގައި ތަރައްޤީކުރާ އައު ޖީލުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫޢެކެވެ. މީގެ މަޤްޞަދަކީ ދިގު މުއްދަތުގެ އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ އިތުރުން، އެކި ދާއިރާތަކުން ފަންނީ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމެވެ. އެސް.އީ.ޒެޑް އޮނިގަނޑުގެ ތެރެއިން މި މަޝްރޫޢު ކުރިއަށް ދިއުމަކީ، ބޮޑެތި އިންވެސްޓްމަންޓްތަކަށް ރާއްޖެއަކީ އިތުބާރު ހުރި އަދި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ސާބިތުކޮށްދޭ ކަމެކެވެ. ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ބޯޑް އޮފް އިންވެސްޓްމަންޓުން، މި މަޝްރޫޢު ކަނޑައެޅިފައިވާ މުއްދަތަށް ކާމިޔާބުކަމާއެކު ނިންމައި، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ ދިވެހި ޤައުމަށް ލިބިދިނުމަށްޓަކައި ކްރިސްޓަލް ހޯލްޑިންގްސްއާއެކު ގާތުން މަސައްކަތް ކުރަމުންދާނެއެވެ.