ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިޔު.ސީ.އޯ) ގެ އެކްސެލެރޭޓް ޓްރޭޑް ފެސިލިޓޭޝަން ޕްރޮގްރާމް (އޭ.ޓީ.އެފް.ޕީ) އާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދެވަނަ ޓައިމް ރިލީސް ސްޓަޑީ (ޓީ.އާރު.އެސް) އަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ދިރާސާ ރަސްމީކޮށް އިފްތިތާހުކުރެއްވީ 2025 ނޮވެމްބަރު 18 ގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ޢަބްދުﷲ ސިޔާޒް އެވެ.
ޓީ.އާރު.އެސް ހިންގުމުގައި އެހީތެރިވުމަށް ޑަބްލިޔު.ސީ.އޯ އިން ވަނީ މަތީ ފަންތީގެ ވަފުދެއް ފޮނުއްވައިފައެވެ. މި ވަފުދުގައި އޭ.ޓީ.އެފް.ޕީގެ ކަންޓްރީ އެންޑް ޕްރޮޖެކްޓް ލީޑް، މިސްޓަރ އާރމަން ޒަހަލިޓޮވްގެ އިތުރުން ޓީ.އާރު.އެސްގެ ފަންނީ މާހިރުން ކަމަށްވާ މިސްޓަރ ކްރިސްޓިއަން ޑޭވިޑް އަދި މިސްޓަރ މައިކަލް ލެކަލާ ހިމެނެއެވެ. މި މަސައްކަތުގައި މި ބޭފުޅުން ބައިވެރިވުމުން ހާމަވެގެންދަނީ ޤައުމީ ޓްރޭޑް ފެސިލިޓޭޝަންގެ މަސައްކަތުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އޮތް ގުޅުން ވަރުދަކަމެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތުން
މި މަސައްކަތް ކުރިއަށްގެންދަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓް (ޑަބްލިޔު.ޓީ.އޯ ޓީ.އެފް.އޭ) ގެ 7.6 މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މި މާއްދާގައި، މެންބަރު ގައުމުތަކުން މުދާ ނެރުމަށް ނަގާ އެވްރެޖް ވަގުތު ކަނޑައަޅައި އާންމުކުރުމަށް ލާޒިމުކުރެއެވެ. މި ސިސްޓަމެޓިކް މަސައްކަތް ކުރުމުން، ދިވެހިރާއްޖެއިން ވިޔަފާރީގެ ކަންކަމުގައި ހާމަކަމާއި އެފިޝެންސީ އިތުރުކުރުމުގެ އިތުރުން، ދުނިޔޭގެ ޓްރޭޑް ފެސިލިޓޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާކަން ހާމަކޮށްދެއެވެ.
ޓައިމް ރިލީސް ސްޓަޑީ 2025 ގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ބޯޑަރުތަކުން މުދާ ދައުރުކުރުމަށް ނަގާ އެވްރެޖް ވަގުތު މިންކޮށް އާންމުކުރުމުގެ ތެރެއިން ވިޔަފާރީގެ އެފިޝެންސީ އިތުރުކުރުމެވެ.
ތަފްސީލީ މަސައްކަތްތަކުގެ މެޕިންގއާއި ތަޙުލީލުތަކުގެ ތެރެއިން، މި ދިރާސާއިން ކާގޯ ކްލިއަރެންސް ލަސްކޮށް، ވިޔަފާރިވެރިން އުފުލަންޖެހޭ ޚަރަދުތައް އިތުރުކުރުމަށް ދިމާވާ ކަންކަމާއި މިންވަރާއި، ހަރުދަނާ ނޫންކޮށް ހުރި ކަންކަން ފާހަގަކުރާނެއެވެ. މި ހޯދުންތަކުގެ ސަބަބުން ކަސްޓަމްސްއާއި އެހެނިހެން ބޯޑަރު އެޖެންސީތަކަށް މަސައްކަތުގެ އޮނިގަނޑު ރަނގަޅުކުރުމާއި، އެއްވެސް ފައިދާއެއް ނެތް ފިޔަވަޅުތައް ނައްތާލުމަށް، އަދި ކްލިއަރެންސްގެ ކޮންމެ މަރުހަލާއެއްގައިވެސް ޚިދުމަތް ދިނުން ރަނގަޅުކުރުމަށް މަގުދައްކާނެއެވެ.
އިމްޕްލިމެންޓޭޝަން އަދި އުންމީދުކުރެވޭ ނަތީޖާ
ފާއިތުވި ހަފުތާގައި، މަސައްކަތު ގްރޫޕާއެކު ގިނަ ވޯކްޝޮޕްތަކެއް ވަނީ ބާއްވައިފައެވެ. އެ ގްރޫޕުގައި ޓީ.އާރު.އެސް.ގެ މާހިރުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ބްރޯކަރުންނާއި އެހެނިހެން ކަމާބެހޭ ބޯޑަރު އެޖެންސީތައް ހިމެނެއެވެ. މި ވޯކްޝޮޕްތަކުގެ މަޤްސަދަކީ މުހިންމު ކީ ޕާފޯމަންސް އިންޑިކޭޓަރުތައް ކަނޑައަޅައި، މިހާރު ހިނގަމުންދާ އުސޫލުތައް މެޕްކުރުމެވެ. ޑޭޓާ އެއްކުރުން ނޮވެމްބަރު 23 ވަނަ ދުވަހު ފަށާފައިވާނެއެވެ. އަދި ނޮވެމްބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ޑޭޓާ އެއްކުރުން ކުރިއަށްދާނެއެވެ. މިކަމުގެ ސަބަބުން، ކްލިއަރެންސް މަސައްކަތުގެ ކޮންމެ މަރުހަލާއެއްގައިވެސް ހޭދަވާ ވަގުތު މިންކުރުމަށްޓަކައި، ހަގީގީ މުދާ އުފުލުމުގެ ހަރަކާތްތައް ރެކޯޑު ކުރެވޭނެއެވެ.
ކުރިމަގު
ދެވަނަ ޓައިމް ރިލީސް ސްޓަޑީއަކީ ރާއްޖޭގެ ވިޔަފާރި ފަސޭހަކުރުމަށް ކުރާ މަސައްކަތްތަކުގައި ހޯދުނު މުހިންމު ކުރިއެރުމެކެވެ. މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން ވަރުގަދަކުރުމާއި، ބޯޑަރުގައި މަސައްކަތްކުރާ އިދާރާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުން، މި މަސައްކަތުން ދިގު މުއްދަތަށް ޚިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. އަދި ޒަމާނީ، ހަރުދަނާ ވިޔަފާރީގެ މާހައުލެއްގެ އިތުރުވަމުންދާ އެދުންތަކަށް ރާއްޖެ ތައްޔާރުކޮށްދެއެވެ.
މިކަމުން ލިބޭ މައުލޫމާތުތަކުގެ އެހީގައި، ހެކިތަކަށް ބިނާކޮށް އިސްލާހީ މަސައްކަތްތަކެއް ފަރުމާކުރެވޭނެއެވެ. މި މަސައްކަތްތަކުގެ މަޤްސަދަކީ ކްލިއަރެންސްގެ ވަގުތު އަވަސްކުރުމާއި، ކުރިއަށް ހިނގާނެގޮތް ލަފާކުރެވޭނެ މިންވަރު އިތުރުކުރުމާއި، އުސޫލުތައް އިތުރަށް ހަރުދަނާކޮށް ފެންނަން ހުންނަ ގޮތަށް ހެދުމާއި، ނަތީޖާއެއްގެ ގޮތުން ވިޔަފާރިއާ ގުޅުންހުރި ޚަރަދުތައް ކުޑަކުރުމެވެ.