މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމާއި އެ ކުންފުނީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތް، 2025 އޮކްޓޫބަރު 15 އިން ފެށިގެން އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދިވެހީން އާންމުކޮށް ބޭނުންކޮށް އުޅޭ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން އެހެނިހެން ތިން ބާވަތަކާއެކު، ޖުމުލަ 23 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކެބިނެޓުން ނިންމެވީ 2025 ސެޕްޓެންބަރު 10 ގައެވެ.