އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ފިންލޭންޑްގެ އެމްބަސީ އަދި ބިޒްނަސް ފިންލޭންޑް ގުޅިގެން މިއަދު ބޭއްވި ވެބިނާގައި ކްރިއޭޓިވް އިކޮނޮމީން ދިވެހިރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފިއެވެ.
މި ޕްރެޒެންޓޭޝަންގައި އަލިއަޅުވާލާފައިވަނީ ސަގާފީ ތަރިކައާއި، ވިޝުއަލް އާޓްސްއާއި، ޓެކްނޮލޮޖީއާއި އިނޮވޭޝަންއާއި، ޕަބްލިކޭޝަން އަދި މީޑިއާއާއި، ކްރިއޭޓިވް ސާވިސަސް ހިމެނޭހެން ފުޅާވަމުންދާ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ މައްޗަށެވެ. މި ޕްރެޒެންޓޭޝަންގައި ނޭޝަނަލް ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖީއާއި، ކްރިއޭޓިވް އިކޮނޮމީ ފަންޑާއި، ފިކުރީ މުދާ ހިމާޔަތްކުރުމާއި އިނޮވޭޝަން އަދި މުނިފޫހިފިލުވުމަށް ޚާއްސަ ހަބްތަކާއި ޑިސްޓްރިކްޓްތައް ފަދަ އިސްތިރާޖީ އިނިޝިއޭޓިވްތަކަށްވެސް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން، 2030 ވަނަ އަހަރުގެ ނިޔަލަށް ކްރިއޭޓިވް އިންޑަސްޓްރީތަކާއި ޑިޖިޓަލް އިގްތިސާދުން ޖީޑީޕީގެ %15 ހިއްސާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް އަލިއަޅުވާލައްވަމުން ކްރިއޭޓިވް އިކޮނޮމީގެ ފަރާތުން ވަނީ އިޤުތިޞާދު ސިންދަފާތުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. ޓެކްނޮލޮޖީ އާއި އިންޓަރެކްޓިވް މީޑިއާ، ޑިޒައިން ސާވިސަސް، ކަލްޗަރަލް ޓޫރިޒަމް، އަދި ކްރިއޭޓިވް ޕްރޮޑަކްޓް އެކްސްޕޯޓް ފަދަ ދާއިރާތަކުން ހުރި ފުރުސަތުތައްވެސް މި ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެ އެވެ.
މި ވެބިނާގެ ސަބަބުން ފިންލޭންޑްގެ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކާއެކު އިނޮވޭޝަނާއި، ފަތުރުވެރިކަންފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުޞަތުތައް ހޯދައި، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރަށް ވާސިލުވުމަށް އެހީތެރިވެދޭނެއެވެ.