މާލޭ ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ގޮތުން ތައްޔާރުކުރި ޚާއްޞަ މޯބައިލް އެޕްލިކޭޝަން ” މާލެ ޓެކްސީ” އިފްތިތާޙުކޮށް، ބޭނުންކުރަން ފަށައިފިއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމާއި، 3 ގަޑިއިރު ކުރިން ދަތުރުތައް ތާވަލުކުރުމުގެ އިތުރުން، ޑިޖިޓަލް ވޮލެޓާއި ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އިމަޖެންސީ ފީޗަރއަކާއި، ގެއްލޭ ތަކެތި ރިޕޯޓްކުރެވޭނެ އިންތިޒާމު ހިމަނާފައިވާ މި އެޕްލިކޭޝަން މިހާރު އެޕަލް ފޯނުތަކަށްށާއި އެންޑްރޮއިޑް ފޯނުތަކަށްވެސް ލިބެއެވެ. އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓާއި ހޮޓްލައިން 1655 މެދުވެރިކޮށްވެސް ޓެކްސީގެ ޚިދުމަތަށް އެދެވޭނެއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.