ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިޞްރާބަށް އޮތް އިތުބާރު އައުވެގެން ދިޔަ ކަމެއްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި ކުރިއެރުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ލީޑަރޝިޕްގެ ނަތީޖާއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްޞަކޮށް، މާލީ އިޞްލާޙުތައް ކުރިއަށް ގެންދިއުމުގައާއި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ޤާއިމުކުރުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް އިންވެސްޓަރުންގެ އިތުބާރު މިހާރު ވަނީ އާލާވެފައެވެ.
ފިޗްގެ މި ނިންމުމަކީ ރާއްޖޭގެ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ބައިނަލްއަޤްވާމީ ބަލައިގަތުމެކެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ނޮވެމްބަރު 2023 ގެ ކުރިން އޮތް އެމް.ޑީ.ޕީ ސަރުކާރުން ދޫކޮށްލާފައިވާ ދެމެހެއްޓެނިވި ނޫން މިންވަރަށް ބޮޑުވެފައިވާ ދަރަންޏާއި މާލީ ގޮންޖެހުންތަކާ ކުރިމަތިލެއްވުމުގައި ދެއްކެވި ސާބިތުކަމަށްޓަކައި ގިނަ ފަރާތްތަކަކުން އަންނަނީ ރައީސަށް މަރުޙަބާ ކިޔަމުންނެވެ.
މި މުހިންމު ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވަމުން، މި ނަތީޖާއަކީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެ އަލުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ސިޔާސީ މާހިރުން ފާހަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މާލީ ޙާލަތު އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދިނުމެވެ.