1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމާ ގުޅިގެން، އެ މުއްދަތުގައި އާންމުންނާއި ވިޔަފާރިތަކަށް ޚިދުމަތް ދޭނެ އުސޫލު އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިޤުތިޞާދީ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ ރަމަޟާން މަހުގެ 20 އިން 30 އަށް ސަރުކާރު ބަންދުވި ނަމަވެސް، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ވިޔަފާރިއާ ބެހޭ ޚިދުމަތްތައް:
ވަންގަވް (one.gov.mv) އަދި ބިޒްނަސް ޕޯޓަލް (business.egov.mv) މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށެވެ. ނަމަވެސް، މި މުއްދަތުގައި ޚިދުމަތަށް އެދޭ މިންވަރު އިތުރުވެއްޖެނަމަ، ޕްރޮސެސިންގ ވަގުތަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އިޤުތިޞާދީ ވުޒާރާއިން ބުނެއެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް “ލައިވް ޗެޓް” ނުވަތަ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1500 އަށް ގުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފޮރިން އިންވެސްޓްމަންޓާ ބެހޭ ޚިދުމަތްތައް:
ފޮރިން އިންވެސްޓްމަންޓާ ގުޅޭ އެޕްލިކޭޝަން ފޯމުތައް ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. މި ދާއިރާގެ މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 09:30 އިން 11:30 އަށް 3333181 ނުވަތަ 3333182 ނަންބަރު ފޯނާ ގުޅުއްވުމަށް ވުޒާރާއިން އިރުޝާދު ދެއެވެ.
މީގެ އިތުރުން، ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިން މީޓިންގތައް އިންތިޒާމު ކުރެވޭނެއެވެ. މިފަދަ ބައްދަލުވުމަކަށް އެދިލައްވާ ފަރާތްތަކުންވެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.
މިއީ ރަމަޟާން މަހު ފަހު ދިހައިގެ ބަންދު ދުވަސްތަކުގައިވެސް ވުޒާރާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން އާންމުންނަށް ފަސޭހަކޮށްދިނުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކެކެވެ.