އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި މި ވޯކްޝޮޕަށް 155 އަށް ވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ރަޖިސްޓްރީވެފައިވާ ކަމަށާއި، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ ސެޕްޓެންބަރު 13 ގެ ނިޔަލަށް ކަމަށެވެ.
މިނިސްޓަރ ސަޢީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވޯކްޝޮޕް ކުރިޔަށްދާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށާއި، މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.